
ހަތްމަހަށް ދިގުދެމިގެން ގޮސްފައިވާ ފޮނަދޫގެ ކަރަންޓްގެ މައްސަލަ ހައްލު ނުކޮށް އެކި ހިސާބުތަކުންނާއި މުޅި ރަށުން އިރުއިރުކޮޅުން ކަރަންޓް ކަނޑަމުންދާތީ އެކަމާ ހިތްހަމަ ނުޖެހިގެން ފޮނަދޫ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނުކުމެ އިންޖީނުގެ ބަންދުކޮށް ރޭ ވަރަށް ދަންވަންދެން މުޒާހަރާ ކޮށްފިއެވެ.
ފޮނަދޫ އިންޖީނުގެ ބަންދުކޮށްފައިވަނީ ރޭ 8:15 ހާއިރުއެވެ. އިންޖީނުގެ ބަންދުކުރުމަށްފަހު އެތަނަށް އެއްވި މީހުން އަތޮޅު ކައުންސިލް އިދާރާއަށްގޮސް އިހްތިޖާޖް ކޮށްފައިވެއެވެ. އަދި އެއަށްފަހު ފޮނަދޫ ރަށު ކަައުންސިލް އިދާރާއަށް ގޮސް އެތަނުގެ ބޭސްމެންޓްގައި ތިބެ 12:10 ވަންދެން ވަރަށް ވަރުގަދަޔަށް އިހްތިޖާޖް ކުރުމަށްފަހު 12:15 ހާއިރު އިންޖީނު ހިންގައި ކަރަންޓް ދިނުމުން އެކަމާ ދެވަނަ ފަހަރަށް އިންޖީނުގޭ ކައިރިއަށް މީހުން އެއްވެ ނުރުހުން ފާޅުކުރިއެވެ.
އަތޮޅު ކައުންސިލް އިދާރާގެ ގޯތިތެރެއާއި އަތޮޅުގޭ ގޯތިތެރެއަށް އެއްވި ރައްޔިތުން އެދެމުންދިޔައީ ކައުންސިލް ރައީސް އާއި ބައްދަލުކުރުމަށެވެ. އެތަނުގައި އިހްތިޖާޖް ކުރި މީހުން ފޮނަދޫ ދާއިރާ މަޖްލިސް މެންބަރުގެ އިސްތިޢުފާއަށާއި އެއްމެ މެންބަރެއް ފިޔަވައި ޑީއާރްޕީގެ ކައުންސިލަރުން ތިއްބަވާ ކައުންސިލްގެ އިސްތިޢުފާއަށް މެދު ނުކެނޑި ގޮވާފައިވެއެވެ.
ރައްޔިތުންގެ އެދުމުގެ މަތިން ރޭ 10:20 ހާއިރު އަތޮޅު ކައުންސިލް ރައީސް އާސިފް ފުލުހުންނާއި އެސްއޯ ބައެއް ބޭފުޅުންނާއިއެކު ފޮނަދޫ ރަށު ކައުންސިލް އިދާރާގެ ބޭސްމެންޓުގައި އިޙްތިޖާޖް ކުރަމުން ދިޔަ ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވެިއެވެ. އަތޮޅު ކައުންސިލް ރައީސް ވިދާޅުވީ ފޮނަދޫގެ ކަރަންޓްގެ މައްސަލައަކީ އަތޮޅު ކައުންސިލްގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށާއި ނަމަވެސް އެކަން ހައްލުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމުގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދެއްވަމުން ގެންދަވާ ކަމަށެވެ. އަތޮޅު ކައުންސިލް ރައީސް ވާހަކަދައްކަވަމުން ގެންދެވިއިރުވެސް މެދުނުކެނޑި ފޮނަދޫ ކައުންސިލާއި އަތޮޅު ކައުންސިލް އަދި މެންބަރު ޢަބްދުއްރަހީމްގެ އިސްތިޢުފާއަށް އެ މެންބަރުން ހޮވުމަށް އެއްމެ ބޮޑަށް މަސައްކަތްކުރި ފަރާތްތަކުން ލީޑްކޮށް އަޑުއުފުލަމުން ގެންދިޔައެވެ.
ރޭގެ އިހްތިޖާޖްގައި ރައްޔިތުން މައިގަނޑުގޮތެއްގައި އެދެމުންދިޔައީ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ވަގުތުންވަގުތަށް އިންޖީނުގެ އެމްއެންޑީއެފް އާއި ހަވާލުކުރުމަށެވެ. މީގެ އިތުރުން ވޭތުވެދިޔަ ދެމަސްތެރޭ ކަރަންޓް ދެވިފައިވަނީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ކަމަށްވާތީ އެ ދެމަހުގެ ކަރަންޓްބިލަށް ފައިސާ ނުނެގުމަށްވެސް އެދެމުން ދިޔައެވެ. އަދި ފޮނަދޫ އިންޖީނުގެ ފެނަކަ ކުންފުންޏާއި ޙަވާލުކޮށްފައިވޭތޯ ނުވަތަ ނޫންތޯ ސާފުކުރުމަށްވެސް އެދެމުން ދިޔައެވެ. ރައްޔިތުންގެ އެދުމަށް ޖަވާބު ދެއްވަމުން އަތޮޅު ކައުންސިލް ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަކީ ފޮނަދުއަށް ޚާއްޞަ ޙާލަތެއް އައިސްފައިވާކަމަށް ބަލާފައި އެމްއެންޑިއެފް އާއި އިންޖީނުގެ ވަގުތީގޮތުން ހަވާލުކުރުން ކަމަށްވާނަމަ އެކަމުގެ މަސައްކަތް ކޮށްދިނުނަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ކަރަންޓްބިލަށް ފައިސާ ނުނެގުމާއި ގުޅޭގޮތުން ރައްޔިތުން އެދުނު އެދުމަށް ޖަވާބުދެމުން ކައުންސިލް އިދާރާގެ ބޭސްމެންޓްގައި އެވަގުތު ތިއްބެވި ފޮނަދޫ ފަސް ކައުންސިލަރުންގެ ފަރާތުން ކައުންސިލް ރައީސް ވިދާޅުވީ ހުރިހައި ކައުންސިލަރުން އެގޮތަށް އެއްބަސްވާނަމަ އެކަން ރައްޔިތުންގެ އެދުމާއި އެއްގޮތަށް ކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ފެނަކަ ކުންފުންޏާއި ފޮނަދޫ ރައްޔިތުންގެ އިންޖީނުގެއިން ހަވާލުވެފައި ވޭތޯ ރައްޔިތުން ކުރަމުން ދިޔަ ސުވާލަށް އެސްވެސް ކައުންސިލަކުން އަދި އެއްވެސް ކައުންސިލަރަކަށް ފުރިހަމައަށް ޖަބާބުދާރީ ވެވިފައި ނުވުމުން ރައްޔިތުން ތިބީ ވާނުވާއެއް ނޭގޭ ހާލުގައި ކަން ފާހަގަވެގެން ދިޔައެވެ.
ފެނަކައިން ފޮނަދޫ ރައްޔިތުންގެ އިންޖީނުގެއާއި ރަސްމީކޮށް ހާވާލުވެއްޖައިންތޯ ސުވާލުކޮށްލުމުން މި ސަރަހައްދުގެ ފެނަކައިގެ އިސްކޮށް ހަރަކާތްތެރިވެލައްވާ ޝުކޫރު ކުރެން އަހާލުމުން ކައުންސިލް އިދާރާ ބޭސްމެންޓުގައި ހުންނަވާ ވިދާޅުވީ އެއަށް ޖަވާބެއް ދެވެން ނެތްކަމަށާއި އެކަން ރައްޔިތުންނާއި ހިއްސާކުރައްވާނީ ފެނަކައިގެ އެންމެ އިސް ފަރާތުން ކަމަށެވެ. ނަމަވެސް މޯބައިލްފޯނާއި މެގަފޯނު މެދުވެރިކޮށް ފެނަކައިގެ އިސްފަރާތުން ރައްޔިތުންނާއި މުޚާޠަބު ކުރައްވަން ކުރެއްވި މަސައްކަތްވެސް ނާކާމިޔާބު ވެގެންދިޔައީ ރައްޔިތުންގެ އަދުއުފުލުންތައް އިތުރުވެ އަޑުގަދަވުމުގެ ސަބަބުންނެވެ.
ކައުންސިލް އިދާރާދޮށަށް އިހްތިޖާޖް ކުރަން އެއްވި މީހުން ރޭ 12:30 ހާއިރު އިންޖީނުގޭ ކައިރިއަށް އެއްވެފައިތިބި ވަގުތު އެ ސަރަޙައްދުން ފެނަކައިގެ ބޭފުޅެއް ކަމަށްވާ ޝުކޫރު ކުރެން ދެވަނަ ފަހަރަށްވެސް ފެނަކައިން އިންޖީނު ގެއާއި ހަވާލުވީތޯ ސުވާލުކޮށްލުމުންވެސް ވިދާޅުވީ އެއަށް މިވަގުތު ޖަވާބެއް ދެވެން ނެތްކަމަށާއި މާދަމާ ހެނދުނު (މިއަދު ހެނދުނު) ޖަވާބެއް ދެއްވިދާނެ ކަމަށެވެ.
ފޮނަދޫ އިންޖީނުގެ ސަރަޙައްދުގައިވެސް ފުލުހުން ޔުނިފޯމުގައި ހަރަކާތްތެރިވެފައިވެއެވެ. މީގެ އިތުރުން އެ ސަރަހައްދުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ޒަކަރިއްޔާ މަންސޫރު ޙަރަކާތްތެރިވެލެއްވިތައް ފެނިފައިވެއެވެ. އެތަނަށް އެއްވެ ތިބި މީހުންނާއި ފެނަކަ އިން ޝުކޫރު ބައްދަލުކޮށް ވިދާޅުވީ މާދަމާ (މިއަދު) 200 ކިލޯވޮޓްގެ އިތުރު ޖަނަރޭޓަރެއް ފޮނަދޫ ކަރަންޓް ވިއުގައާއި ގުޅާލާނެ ކަމަށާއި އެކަން ކުރެވުމުން ކަރަންޓްގެ މައްސަލައަށް ލުޔެއް ލިބިގެން ދާނެކަމަށް އުއްމީދު ކުރާކަމަށެވެ. އަދި ފެނަކަ އިން ފޮނަދޫ ރައްޔިތުންގެ އިންޖީނުގެއާއި ރަސްމީކޮށް ހަވާލުވެފައި ވާކަމުގެ އީމެއިލެއް މިހާރު މާލެއިން ފޮނުވާފައި ވާކަމަށްވެސް ވިދާޅުވިއެވެ.
ރަށުގެ ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުން އަތޮޅު ކައުންސިލް މެންބަރުންނާއި ބައްދަލުކުރުމަށް އެދުނު އެދުމަށް ކައުންސިލްގައި ތިއްބަވާ ފޮނަދުއަށް ނިސްބަތްވާ ދެ މެންބަރުން ވަޑައިގެންފައި ނުވުމުން އެކަމާ ރައްޔިތުން ފޮނަދޫ ކައުންސިލް ރައީސް ކުރެން އަހާލުމުން ވިދާޅުވީ އެ ދެ މެންބަރުންނަށްވެސް ދެންނެވި ކަމަށާއި އެބޭފުޅުން ވިދާޅުވީ އެތަނަށް އައުމަށް ޢުޒުރުވެރި ވާކަމަށް އެ ދެބޭފުޅުން ވިދާޅުވިކަމަށެވެ.
ރޭ ފޮނަދޫ ރައްޔިތުން އިންޖީނުގެ ސަރަހައްދު ދޫކޮށް ދިޔައީ 1:10 ހާއިރުއެވެ.







.jpg)

No comments: